މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެސެޓް ރިކަވަރީ ބިލު ހުށަހަޅުއްވާނެކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަކަށް އެސެޓް ރިކަވަރީ ބިލު ހުށަހެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
"ހަމަ ޔަގީނުންވެސް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެސެޓް ރިކަވަރީ ބިލު ހުށަހަޅާނަން. ބިލުގެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތްތައް ވެސް އަޅުގަނޑުމެން މިހާރު ވަރަށް ބާރަށް ކުރިއަށް އެބަގެންދަން. އަޅުގަނޑު މި އުންމީދުކުރަނީ މި ބިލު ނިމިގެން އަންނައިރުގައި، މީގެ ތެރޭގައި ސިވިލް އެސެޓް ރިކަވަރީ ބަޔަކާއި ހަމަ އެއާއެކީގައި ކްރިމިނަލް އެސެޓް ރިކަވަރީގެ ބައެއް ވެސް ހިމެނިގެންދާނެ ކަމަށް،" ބަންޑާރަނައިބު ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ބިލާއެކު އެސެޓް ރިކަވަރީ ގާނޫނު ވުޖޫދުވުމުން، ކުށް ކޮށްގެން ހޯދާފައި ހުންނަ މުދާތައް ވެސް ހޯދޭނެ ކަމަށާއި އެއާ އެކީގައި އެކިއެކި ގޮތްގޮތުން މީގެ ކުރިން އެކި ފަރާތްތަކުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ހޯދާފައި ހުރި މައްސަލަތަކުގައި ވެސް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށް އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތަކީ. އެނގިވަޑައިގަންނަވާނެފަދައިން ވޭތުވެދިޔަ ސަރުކާރުތަކުގައި ދައުލަތުގެ މުދާ ނުއަގުގައި އެކިއެކި ފަރާތްތަކަށް ބަހާފައި އެބަހުރި. ހަމައެއާއެކު ދައުލަތުގެ އެސެޓްތައް ބޭނުންކޮށްގެން އެކިއެކި ފަރާތްތަކުން އޭގެ ބޮޑެތި ފައިދާތަކެއް ނަގަމުންދިޔަ ބޮޑެތި މައްސަލަތަކެއް ވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި،" ބަންޑާރަނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ގެއްލިފައި ހުރި ދައުލަތުގެ މުދާތަކުގެ ހަމަ އަގު ދައުލަތަށް ހޯދުމަށް މަސައްކަތްތަކެއް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއް ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭރު ބައެއްގެ އެހީތެރިކަމާއެކު ޑްރާފްޓުކޮށްފައިވާ ބިލެއް ރިވިއުކޮށް، އިތުރު ދިރާސާތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުޝާމް ފާހަގަކުރެއްވިއެވެ.
އަދި އެސެޓް ރިކަވަރީ ބިލު މަޖިލިހަށް ހުށަހަޅުއްވާއިރު ސިވިލް އެސެޓް ރިކަވަރީ އަދި ކްރިމިނަލް އެސެޓް ރިކަވަރީ އޭގައި ހިމެނޭނެކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް