ކުޑަކުދިން އެކުދިންގެ މަންމައިން ދެކެވާ ލޯބި، އެކުދިންގެ މި ޤައުމުދެކެވެސް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
އެގޮތުން، ކުޑަކުދިންނަކީ، އެންމެންގެ ހިތްތަކުގެ ހަމަޖެހުންކަމަށާއި، ޤައުމުގެ ދެމިއޮތުންކަމުގައި ފާހަގަކުރައްވައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް ބާރުއެޅުއްވުމުގެ އިތުރުން، ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށްތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބުކަމުގައި ފާހަގަކުރައްވާފައި ވެއެވެ.
އަދި ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން ޢަޒުމު ކަނޑައެޅުމަށާއި ކުޑަކުދީންނަށްޓަކައި، ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ޤައުމުދެކެ ލޯބިވުމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
"ލޮބުވެތި ކުޑަކުދިންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ، މިއީ އެ ކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހެއްޓުމެވެ. ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމެވެ. އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމެވެ. ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމެވެ. ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ޤައުމު ދެކެވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ޞިއްޙީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ" ރައީސްގެ ޚިޠާބާގައި ވެއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި މާދަމާ ދިވެހި ޤައުމާއިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ މިއަދު އެންމެން އެކަމަށް މަސައްކަތްކޮށްދީގެންކަމުގައި ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް