ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ އަންހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަމަށާއި ރޭޕްގެ ހެއްކެއް ނެތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ބުނީ، މިދިޔަ ހުކުރު ދުވަހު ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފުލުހުން ކުއްލި ގޮތަކަށް ބޭއްވި "ކްލޯސްޑޯ" ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން، ފުލުހުންގެ ތަހްގީގަށް އެނގިފައިވާގޮތުގައި، އެ ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖުތައްވެސް ފުލުހުން ވަނީ ދައްކާފައެވެ. ފުލުހުން ބުނެފައިވާގޮތުގައި، އަންހެން މީހާ ވެއްޓިފައިވަނީ، 4:52، ހާއިރު ބުރުޒުމަގުގައި ހުންނަ ހ. ފެންޓޮނޯއިގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓަކުން، އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅުމައްޗަށެވެ. އެވަގުތު އެގޭގެ ޓެރެސް ހުރީ ތަޅުލާފައި ކަމާށާއި، ޓެރަހަށް ބަޔަކު އަރާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުޓޭޖްތަކުން ފެންނަގޮތުގައި، ފެންޓޮނޯއިގެއަށް އަންހެން މީހާ އާއި އުމުރުން 21 އަހަރުގެ ފިރިހެން މީހާ ވަނީ ހުކުރު ދުވަހުގެ ރޭ ފަތިހު 4:30 ހާއިރުއެވެ. އެ މީހުންގެ އަމަލުތައް ހުރި ގޮތުން އޭރުވެސް ތިބީ މަސްތުގެ ހާލަތުގައިކަން ފާހަގަކުރެވެނީ، ހިނގާފައި ދިޔައިރު އަރިއަޅާލާ މަންޒަރު ފެންނާތީ އެވެ.
އެ ދެ މީހުން ވަން ހ. ފެންޓޯނިއާއަކީ އެ މީހުންނާ އެއްވެސް ގުޅުމެއް އޮންނަ ގެއެއް ނޫންކަމަށާއި އެ ދެ މީހުން ދަންނަ ބަޔަކު އެ ގޭގައި ނޫޅުނަސް އެ މީހުން އެ ގެއަށް ވަނީ ބޭރު ދޮރު ތަޅު ނުލައި ހުރުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ގެއަކީ، ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އަދި ރޭގަނޑު 12 ގެ ފަހުން އެއްވެސް މޯޝަނެއް ފާހަގަވާ ނަމަ ކެމެރާއިން އެލާމް ވެސް އަޅާ ގޮތަށް ފަހުގެ އެލާމް ސިސްޓަމް ބަހައްޓާފައި ހުންނަ ގެއެކެވެ.
އެ ދެ މީހުން އެ ގެއަށް ވަދެ 9،8،7 ވަނަ ފްލޯގެ ސިޑިމަތީގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ބައެއް އެޕާޓްމެންޓްތަކުގެ ދޮރުގައި ޓަކި ޖަހާ މަންޒަރު ވެސް ފެނެ އެވެ. އެ ގޭގައި އެ ދެ މީހުން ބައިގަޑިއެއްހާއިރު ހޭދަކުރިކަމަށާއި އެ ވަގުތު ތެރޭގައި އެ ދެ މީހުން އެކުގައި ބަދުއަހުލާގީ އަމަލުތައް ހިންގިކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަދި ފުރާޅުމައްޗަށް ވެއްޓުނު އަންހެންމީހާއާއެކު ގަދަކަމުން ބަދުއަޚްލާޤީ އަމަލުތަކެއް ހިންގިކަމަށް މީސްމީޑިއާގައި ވާހަކަފެތުރުނުނަމަވެސް، އެ ވާހަކަތަކަށް ބާރު ދޭ ހެއްކެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. އަދި ހ. ފެންޓޯނިއާގައި ވެސް އެފަދަ ކަމެއް ހިނގާފައި ނުވާކަން ސީސީޓީވީ ފުޓޭޖުން ހާމަވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.
އެ ގެއަށް ވަންއިރު ފިރިހެން ކުއްޖާ ލައިގެން ހުރި ޓީޝާޓު ފަހުން ލައިގެން ހުރީ އަންހެން ކުއްޖާކަމަށްވާއިރު، ފިރިހެން ކުއްޖާގެ ޓީޝާޓު ލައިގެން އަންހެން ކުއްޖާ 8 ވަނަ ފަންގިފިލާ އަށް އަރާ މަންޒަރު ފުޓޭޖްތަކުން ފެނެއެވ. އަދި އެ އަށް ފަހު، އެޕާޓްމެންޓެއްގެ ދޮރުގައި ޓަކި ޖަހައި 9 ވަނަ ފަންގިފިލާއަށް އަރަ އެވެ. ބެލެވޭ ގޮތުގައި އޭނާ ދިޔައީ ފިރިހެން ކުއްޖާ ހޯދަމުންނެވެ.
ދެން ފެންނަނީ، އަންހެންކުއްޖާ މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިރިހެންކުއްޖާ ވެސް ހުސްގަޔާ ހުރެ 8 ވަނަ ފަންގިފިލާ އަށް އަރާ މަންޒަރެވެ. އޭރު ގަޑިން ފަތިހުގެ 4:52 ހާއިރު ވެފައިވާއިރު، އެވަގުތު ބާރު އަޑެއް ސީސީޓީވީ ކެމެރާތަކަށްވަނީ ރެކޯޑު ވެފައެވެ. ފިރިހެން މީހާ އެވަގުތު ހުރީ ސީސީޓީވީ އަރާ ތަނެއްގައެވެ. އަދި އެ އަޑުއިވުމާއެކު، ފިރިހެން މީހާ އެކި ފްލޯތަކަށް އަރާ އުޅޭ މަންޒަރު ނޫސްވެރިންނާއި ޙިއްސާ ކުރި ފުޓޭޖުން ފެނެއެވެ.
އޭގެ ފަހުން ފިރިހެން މީހާ އަންހެން މީހާއަށް ގޮވައި، އެހީތެރިކަމަށް އެދި ގޮވައި، ހެދިކަމަށް މަންޒަރުތަކުން ފެންނަކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، ފުލުހުންނާ އެއްވެސް ކަމެއް ހިއްސާ ނުކޮށް އޭނާ ދިޔައީ ގެއަށެވެ. ފުލުހުން ބުނާ ގޮތުގައި ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއިވުނު ބާރުގަދަ އަޑަކީ އަންހެންމީހާ ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ފިރިހެންކުއްޖާ ސިޑިމަތީގައި ހުންނަ މަންޒަރު ފުޓޭޖްތަކުން ސާފުކޮށް ފެނެއެވެ.
އެހެންކަމުން، އަންހެން ކުއްޖާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށާއި، ސީސީޓީވީ ފުޓޭޖުތަކުން ވެސް ފުލުހުންނަށް އެފަދަ ކަމެއް ފާހަގަވެފައެއް ނުވާއިރު، އެ ދެ މީހުންގެ އިތުރުން އެ ވަގުތު އެ ތަނުގައި އިތުރު މީހަކު ނެތްކަމަށް ފުލުހުން ފާހަގަކުރެއްވި އެވެ.
ފުލުހުން އިތުރަށްބުނީ، އެ ގޭގެ 9 ވަނަ ފަންގިފިލާގައި ޓެރަސް ހުންނައިރު އެ ތަން ތަޅުލައިފައިހުރި އިރު އެ ފަންގިފިލާގައި ކެމެރާއެއް ވެސް ނުހުންނަކަމަށާއި އެހެންކަމުން، އަންހެންކުއްޖާ ވެއްޓޭ މަންޒަރު ނުފެންނަކަމެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން އަންހެން ކުއްޖާ ވެއްޓިފައިވަނީ ފެންލައިޓުންކަން އެނގޭ ކަމަށާއި އޭނާ ވެއްޓި ގުދަނުގެ ފުރާޅުމަތީގައި އޮތީ ވެސް އެ ދިމާލުގައި ކަމަށް ފުލުހުން ވިދާޅުވި އެވެ.
މީގެ އިތުރުން، އަަންހެން މީހާ ވެއްޓުނު ބާރު އަޑު ބައެއް މީހުންނަށް އިވިފައިވާކަމަށާއި ނަމަވެސް، އެ ފުރާޅުމަތި އޮތް ގޮތުން އޭނާ ވެއްޓިފައި އޮއްވައި އޭރު އެއްވެސް މީހަކަށް ނުފެންނަ ކަމަށާއި ވެއްޓިފައި އޮތް ތަން ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހެނދުނު 7:23 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. އޭރު އަންހެންމީހާގެ ހަރަކާތް ހުރި ކަމަށާއި ނަަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެ ތަނުން ތެދު ނުވެވިފައި އޮތީ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
މި ހާދިސާ ހިނގުމުގެ ކުރިން އެ މީހުންގެ އަމަލުތައް ހުރި ގޮތް ވެސް ފުލުހުން ބެލިކަމަށް ފާހަގަކުރަމުން ވިދާޅުވި ގޮތުގައި މާލޭގެ މެދެއްހާ ހިސާބުގައި ހުރި ގެއަކަށް 8 ޒުވާނުންގެ ގްރޫޕެއް ވަދެ އަދި އޭގެ ތެރެއިން ހަތަރު މީހަކު އެ ރޭ މެންދަމެއްހާއިރު އެ ގެއިން ނުކުމެގެން އަމީނީމަގުގައި ހުންނަ ގެއަކަށް ދާކަމަށާއި، އެއީ އަނިޔާވި އަންހެންމީހާ އާއި އިތުރު ތިން ފިރިހެނުންކަމަށެވެ. އަދި އެގެއަށް ވަތް 8 ޒުވާނުންނަކީ ކޮން ބައެއް ކަން ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނާ ސުވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. އެއީ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމެއްގައި ހުރި އެއްވެސް މީހަކު ނެތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ މީހުންނާ ސުވާލު ކޮށްފައިވާއިރު، މިހާތަނަށް އޭގެ ތެރެއިން ދެ މީހަކު އަދި ފުލުހުންގެ "އަތުޖެހިފައި ނުވާ" ކަމަށާއި ނަމަވެސް، އެ މީހުންގެ މައްޗަށް ފުލުހުން މިހާތަނަށް ތުހުމަތެއް ނުކުރާކަމަށާއި ސުވާލުކުރަނީ ތަހުގީގުގެ ބޭނުމަށްކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އެ މީހުން އެ ގެއިން ނުކުތް ކަމަށް ބެލެވެނީ ފަތިހު 4:30 ހާއިރު އެވެ. އެ ގެއިން ނުކުމެގެން، އަނިޔާވި އަންހެންމީހާ އާއި ފިރިހެންމީހާ ބުރުޒު މަގުން ހުސްފައިގައި ހިނގާފައި ދިޔައިރު، އަނެއް ދެ ފިރިހެނުން ދިޔައީ ސައިކަލެއްގައި ކަމަށާއި އަނިޔާވި އަންހެންމީހާ ވަން ގެއަށް ސައިކަލްގައި ދިޔަ ފިރިހެނުން ވަދެފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ އަންހެންމީހާ އެ ގެއަށް ވަނުމުގެ ކުރިން އެ ގެ ހުންނަ ހަނި ގޯޅިގަނޑުގެ ތެރެއަށް އެމީހާ ވެއްޓިފައި އޮތް މަންޒަރު ވެސް ފެންނައިރު، ހިނގާފައިދިޔަ ފިރިހެންމީހާ ދުވެފައި ގޮސް އެ ގެއަށް ވަންނަނީ އެ އަންހެންމީހާގެ ފަހަތުން އޭނާ ހޯދުމަށެވެ.
އަނިޔާވި އަންހެންމީހާއެކު ދެވަނަ ގެއަށް ވަން އަނެއް ދެ ފިރިހެނުންނާ ވެސް ފުލުހުން ސުވާލު ކޮށްފައިވާއިރު، އެ މީހުންގެ ސާމްޕަލް ނަގާފައެއް ނުވާކަމަށާއި، ސާމްޕަލް ނެގުމަށް އެ މީހުން ރުހުން ނުދޭކަމަށް ފުލުހުން ވިދާޅުވިއެވެ. މަސްތުގައި ހާލަތުގައި ނެތްއިރު، ސާމްޕަލް ނެގޭނީ ރުހުމާ އެކު ކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ފުލުހުން އިތުރަށް ވިދާޅުވީ، ފުރާޅުމައްޗަށް ވެއްޓުނު އަންހެންމީހާއާއި އޭނާއާއެކު ހ. ފެންޓޮނޯއިގޭގެއަށް ވަން ފިރިހެންމީހާގެ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން ފިރިހެންމީހާ ކެނެބިސް އަށް ޕްޒިޓިވް ވެފައިވާއިރު އޭނާގެ ސާމްޕަލް ނަގާފައިވަނީ ހާދިސާ ހިނގި ދުވަހު ނޫން އަނެއް ދުވަހުކަމަށެވެ. އަދި އަންހެންމީހާގެ ސާމްޕަލް ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު، އެއީ ކޮން ބާވަތްތަކެއް ކަމެއް އަދި ޔަގީން ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ބަލައިފާސްކޮށްފައި ވަނީ ވެސް ފެންޓޯނިއާގެ އާއި ފިރިހެން ކުއްޖާ ދިރިއުޅޭގެ ކަމަށާއި ފެންޓޮނޯއީ ގެއަށް ދިޔުމުގެ ކުރިން އެ މީހުން ދިޔަ ދެ ގެ ފުލުހުން ބަލާފާސްކޮށްފައެއް ނުވާކަމަށް ފުލުހުންވަނީ މަޢުލޫމާތުދެއްވާފައެވެ. އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ، މިހާތަނަށް ތަހުގީގުގެ ބޭނުމަށް އެކަމުގެ ޒަރޫރަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ދެ ގޭގެ މައުލޫމާތެއް ވެސް ފުލުހުން ހިއްސާއެއް ނުކުރައްވައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، އަނިޔާވި އަންހެންމީހާ އެކު އެ ގެއަށް ވަން ފިރިހެންމީހާގެ ޕާސްޕޯޓު ވަނީ ހިފައްޓާފައެވެ.
އަދި ފުލުހުން ވިދާޅުވިގޮތުގައި، ވެޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، އަންހެން މީހާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. ނަމަވެސް ފުލުހުން ވިދާޅުވީ އޭނާ އަދި ހުރީ ވާހަކަ ދެއްކޭ ހާލަތެއްގައި ނޫން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް