ފެނިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ސަނާބިލް އިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައި އެ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައިވާތީ، އެކަމަށް ރައީސް އަށް މަރުހަބާ ދަންނަވަމުން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައިސާ ނުލިބި އެތަށް އަހަރަކަށް ފެށުން ލަސްވެފައި އޮތް މި މަޝްރޫޢަށް ރައީސްގެ ވެރިކަމުގައި އަހައްމިއްޔަތުކަން ދެއްވައި ބީއެމްއެލް އިސްލާމިކް އިން ފައިސާ ހަމަޖެހިގެން ދިޔަކަމީ އުފާވެރިކަމެއް ކަމަށެވެ.
''މި ފުރުޞަތުގައި އައިޔޫއެމްއަށާއި ބީއެމްއެލް އިސްލާމިކްއަށް ވެސް ތަހުނިޔާ ދަންނަވަން'' ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވިއެވެ.
އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ މުނާސަބަތުގައި ރައީސް @MMuizzu ޑރ. މުއިއްޒަށް މަރުޙަބާ ދަންނަވަން. ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ފެނިގެން މިދަނީ. pic.twitter.com/VJOibKXNXZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 12, 2025
އައިޔޫއެމްގެ ސަނާބިލް މަޝްރޫޢަކީ އައިޔޫއެމްއިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢަކަށްވާއިރު، މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރެވޭނެއެވެ. މީގެ އިތުރުން، މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނޭނެއެވެ.
މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް