ސްވިމިންގ އެސޯސިއޭޝަނުން އަލަށް ގާއިމުކުރާ ސްވިމިންގ ޕޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ބައްލަވައިފިއެވެ.
ހުޅުމާލޭގައި ގާއިމުކުރާ ޕޫލް ބެއްލެވުމަށް ވަޒީރު ކުރެއްވި މި ދަތުރުފުޅުގައި ވަޒީރަށް މަރުހަބާ ދެންނެވީ ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ. މި ޕޫލް އަޅަމުންދަނީ މިހާރު ހުޅުމާލޭގައި ހުރި ސްވިމިންގ ޕޫލާ ޖެހިގެން އޮތް ބިމުގައެވެ.
މިއީ އަމިއްލަ ފަރާތަކާއެކު ސްވިމިންގ އެސޯސިއޭޝަނުން އިސްނަގައިގެން ގާއިމުކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒުގެ (50 މީޓަރުގެ) ސްވިމިންގ ޕޫލެކެވެ. ވަޒީރު ވަނީ މި ޕޫލުގެ އެންމެ ފަހުގެ މަސައްކަތް ދާގޮތް އޮޅުންފިލުވައި، މިހާރު ކުރަން ހުރި ބައެއް މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މި ޕޫލުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އަޅައި ބޭސް ގާއިމުކުރުމުގެ މަސައްކަތެވެ. ދެ ބުރިއަށް ހަދާ މި ސްވިމިންގ ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ސްވިމިންގގެ ތަމްރީނުތައް ކުރިއަށްގެންދެވޭ ގޮތަށްކަމަށާއި، މި ޕޫލަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ތަކެތި ގެނެސްފައިވަނީ އަމިއްލަ ގޮތަކަށް ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެންކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތުދީފައިވެއެވެ. އަދި ޕޫލު އެތުރުމުގެ ކުރިން ކޮންކްރީޓް ބޭސް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސޯސިއޭޝަނުން ހާމަކުރިއެވެ.
މި އަހަރުގެ އޭޕްރީލް މަހު މަސައްކަތް ފެށުނު މި އައު ސްވިމިންގ ޕޫލުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގައި ކަމަށްވާއިރު، މިހާތަނަށް ޕޫލް ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވިއެވެ.
މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ފެތުންތެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް