ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ "ޓެކްސީ ލައިން" ގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މީރުމާލައުންޖުގައި އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމްއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށް، ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ދެވޭ ޚިދުމަތެކެވެ. އަދި މި ޚިދުމަތުގައި މަސައްކަތްކުރާނީ ސައްތައިން ސައްތަ ދިވެހިންނެވެ. މި ޚިދުމަތް ތަޢާރަފުކުރެވެނީ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި، އާ ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގެ މަޤްޞަދުގައެވެ.
މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން 2026-2027 ގައި ވިލިނގިލި އަދި ތިލަފުށްޓަށް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ފިޔަވަހީގެ ދަށުން 2028-2029 ގައި ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްޞަދަކީ އާމްދަނީ ހޯދުމެއް ނޫނެވެ. އަދި މިހާރު ޓެކްސީ ޚިދުމަތްދޭ ފަރާތްތަކަށްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތް ދެމުންގެންދެވޭނެއެވެ. މި ޚިދުމަތުގައި ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް