އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް އަނިޔާކޮށް، އޭނާގެ ބޮލުން ބައެއް ބާލާލި މައްސަލައިގައި 4 މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަކީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު ހިތަދޫ މައިލޯ ދަނޑު ސަރަޙައްދުގައެވެ. އަނިޔާ ލިބުނު ފަރާތް ޖޯއްޔެއްގައި ބަނދެ އަނިޔާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު 4 މީހުންނަކީ
- ސަމާޙު ތައުފީޤް (20އ) / ވިޝަންޑްރީމް،
- މުޙައްމަދު ޔަޢީޝް އާޒާދު (19އ) / ގްރޭސް،
- އަޝްރަފު މުޙައްމަދު (22އ) / ނޫތަރި،
- ޢަލީ މާޒިން ޙަސަން (20އ) / މެރީގާޑަން
މީގެ އިތުރުން 15 އަހަރުގެ ކުޑަކުއްޖަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ފަރާތްތައް ހައްޔަރުކޮށްފައިވަނީ އެރޭ 01:35 ހާއިރު ޕެޓްރޯލްކުރަމުންދިޔަ ފުލުހުންގެ ވެހިކަލަކަށް ފެނުމުން ދުވެ ފިލަން އުޅެނިކޮށެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް