ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އެ ތިން ދައުވާވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދަބު ކަނޑައެޅުމުގައި ގާޒީ ވިދާޅުވީ، ޝަމްއާންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ އިދާރާއެއްގެ އަގު ވެއްޓިފައިވާތީ، އޭނާއަށް ދެވޭނެ އެންމެ ބޮޑު އަދަބު ކަނޑައަޅަން ނިންމެވީ ކަމަށެވެ. އެގޮތުން މަނީ ލޯންޑްރިންގެ ދައުވާއަށް 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ދައުވާއަށް 8 އަހަރު، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް 2 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ޖަލު ހުކުމުގެ އިތުރުން، ޝަމްއާން 500,000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބިދޭސީއެއްގެ އަތުން އަތުލި ކަމަށް ބުނާ 500,000 ރުފިޔާ ތިން ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.
ޝަމްއާންގެ އިންކާރާއި ބޮޑެތި ތުހުމަތުތަކެއް
ޝަމްއާން ވަނީ އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ އޭނާ "ފްރޭމް" ކޮށްގެން އިއްވި ހުކުމެއް ކަމަށެވެ. ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަމްއާން ވަނީ ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހްސާން ބިދޭސީންގެ ކޯޓާއިން ވައްކަން ކުރައްވާ ކަމަށާއި، ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމްއާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝަމްއާން އިތުރަށް ވިދާޅުވީ މިކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެކަންކަމުގައި ރައީސްވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވަނީ މި ވާހަކަތައް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. ތަރުޖަމާން ވިދާޅުވީ ޝަމްއާން ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.




